ބޭންކް އޮފް މޯލްޑިވްސްގެ 40 ވަނަ ބްރާންޗް މިއަދު ރ. ދުވާފަރުގައި ހުޅުވައިފިއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހުޅުވުނު ފުރަތަމަ ”ޕޭޕަރ ލެސް“ ނުވަތަ ކަރުދާހާއި ނުލާ ހިންގޭ ފުރަތަމަ ބްރާންޗްވެސް މެއެވެ.
ދުވާަފަރުގައި މިއަދު ހުޅުވުނު ބެންކް އޮފް މޯލްޑިވްސް، އިސްލާމިކް ބްރާންޗު ހުޅުވައިދެއްވާފައިވަނީ ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. މިއަދުގެ ރަސްމިއްޔާތުގައި ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފަސޭހަ ކަމާއިއެކު ބެންކިންގެ ޚިދުމަތް ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަރަށް އިސްކަމެއްދެއްވާ ކަމެއްކަމަށެވެ. އެގޮތުން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭ.ޓީ.އެމް ގެ ޚިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތްތައް ކުރިއަށްދާކަން ފާަގަކުރެއްވިއެވެ.
ދުވާފަރަކީ އާބާދީ ބޮޑު ރަށަކަށްވެފައި، މިއަދު ހުޅުވިގެން މިދިޔަ ބްރާންޗުގެ ސަބަބުން ދުވާފަރުގެ އިގްތިޞާދަށް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަމަށްވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
އަދި ދުވާފަރުގައި މި ހުޅުވުނު ބްރާންޗުން، އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން، ބިލަށް ފައިސާ ދެއްކުމާއި ޓްރާންސްފަރ ކުރުމުގެ ޚިދުމަތް ލިބިގެންދާނެކަމަށް އެ ބޭންކުން ބުނެއެވެ. އަދި ރަސްމީ ގަޑިގައި އެކައުންޓް ހުޅުވުމާއި ލޯނު ދޫކުރުމުގެ މަސައްކަތްތަކާއި، ކާޑުގެ ޚިދުމަތްވެސް ލިބޭނެކަމަށް އެ ބޭންކުން ބުނެއެވެ. މީގެ އިތުރުން، މި ބްރާންޗުން ޚިދުމަތް ފޯރުކޮށްދޭނީ އިސްލާމީ ޝަރީއާއި އެއްގޮތަށް ކަމަށްވެސް އެ ބޭންކުން ފާހަގަކުރިއެވެ.