ދިވެހިރާއްޖެއިން ބޭރަށް ބޭސްފަރުވާއަށްދާ ދިވެހިންނަށް ޑޮލަރު ލިބުމުގެ މަގު ފަސޭހަ ކޮށްދިނުމަށް، މިހާރުވެސް ބެންކު މެދުވެރިކޮށް އާސަންދަ ޕޭޝަންޓުންނަށް 2000 ޑޮލަރު ފޯރުކޮށްދޭހެން އެންސްޕާގެ ޕޭޝަންޓުންނަށްވެސް މި އަހަރުގެ އޯގަސްޓު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިރޭ ސޯޝަލް މީޑިޔާގައި އެމަނިކުފާނުގެ ރަސްމީ އެކައުންޓުން ކުރެއްވި ޕޯސްޓެއްގައެވެ. އަދި އެންސްޕާގެ ޕޭޝަންޓުންގެ އިތުރުން އަމިއްލަ ގޮތުން ބޭސްފަރުވާއަށްދާ ފަރާތްތަކަށް 1000 ޑޮލަރު ބޭންކުން ފޯރުކޮށްދޭނެކަމަށްވެސް އެ ޕޯސްޓުގައި ރައީީސް ވިދާޅުވިއެވެ.
މިއީ ޑޮލަރުގެ އަގު ދިވެހި ތާރީޚުގައި ވެސް އެންމެ މަތިވެފައިވާ މި ދަނޑިވަޅުގައި ރައްޔިތުންނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމަކާއި ލުޔެކެވެ.