ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ގުޅޭ ބައެއްކަންކަން އަންނަ އަހަރު ޖެނުވަރީ 1 ން ފެށިގެން ކުރިއަށްދާނެކަމުގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މިމަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނާއި ބައްދަލުކުރައްވާފައެވެ. އެބައްދަލުވުމުގައި ގިނަ އަދަދެއްގެ ވިޔަފާރިތަކުން ވަނީ ބައިވެރިވެފައެވެ. އެބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކުން ވަނީ ރާއްޖޭގެ މާހައުލުގައި ވިޔަފާރި ކުރުމުގައި އިދާރީ ގޮތުން ހުރި ގޮންޖެހުންތަކާއި، ވިޔަފާރި ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ރައީސްއަށް ހިއްސާ ކުރައްވާފައެވެ.
މިބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރެއްވި ކަންކަމުގެ އަލީގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑައަޅާފައިވާ ކަމަށާއި އަދި އެންމެފަހުން ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާއި ގުޅުންހުރި ގިނަ ނިންމުންތަކެއް ނިންމިފައިވާކަންވެސް ރައީސް ފާހަކަ ކުރެއްވިއެވެެ.
އެގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރެއްވި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް 2 އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރައްވާނެ 2 އަހަރު ގޮތުގައި ކަނޑައަޅުއްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.. އެގޮތުން ތަންފީޒު ކުރުމަށް ކަނޑައަޅުއްވާ ފިޔަވަޅުތައް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ހާމަކުރައްވަމުން ދާނެ ކަމަށާއި، އަދި އަންނަ އަހަރުގެ ޖެނުއަރީ 1 ން .ފެށިގެން މިފިޔާވަޅުތައް ތަންފީޒް ކުރައްވާނެ ކަމުގައިވެސް ރައީސް ވިދާޅުވިއެވެ