ވަރަށް ފުޅާ އަދި އެހާމެ ޚައްޞާޞީ މަޢުޟޫއެކެވެ. މަޢުޟޫއަށް އިންސާފް ކުރުމުގެ ކުރިން ޤައުމިއްޔަތަކީ ކޮބާތޯ ބަލާލަމާހެއްޔެވެ؟ ޤައުމިއްޔަތަކީ ޤައުމީ ވަންތަކަމެވެ.ނައިފަރު މުޙައްމަދު ސަމީރު، އެބޭފުޅާ ލިޔުއްވި ”ދިވެހި ޤައުމިއްޔަތު“ މި ލިޔުމުގައި ބަޔާން ކުރައްވާފައި ވެއެވެ: ”މި ރާއްޖޭގެ ރަށްތަކުގައި، ރުއްތަކުގެ ހިޔާވަހިކަމުގެ ދަށުގައި ކަނޑުންނާއި އެއްގަމުން އަނގަމަތިކޮށް ދެއްވާފައިވާ ޚަޒާނާތަކުން ދިރިއުޅުން ހަމަޖައްސަމުން، އަމިއްލަ ވެރިކަމެއް މިނިވަންކަމާ އެކު ، އިސްލާމްދީނުގެ އަލީގައި ކުރަމުން، އަމިއްލަ ބަހަކުން ވާހަކަދައްކައި ލިޔަމުން ދާ ބަޔަކީ ދިވެހީންނެވެ. މި ދެންނެވި އަޞްލު އުޞޫލުތައް ރާއްޖޭގެ އަތޮޅުތަކުންވާ ރަށްތަކުގެ ދަރީން ގައި ހުރުމަކީ އެއީ ދިވެހި ޤައުމިއްޔަތެވެ.“
މަތިގައި ދެންނެވިފައި އެވަނީ ވަރަށް ސާދާ ދިވެހި ބަހުން ޤައުމިއްޔަތަކީ ކޮބައިކަމެވެ. ދެން އުފެދޭ ސުވާލަކީ މި ޤައުމަށް ޚިދުމަތްކުރާ ހަމަ އެކަނި ބަޔަކީ މިއަދުގެ މި ބަވަނަވެތި ދުނިޔޭގައި “ޤައުމޭ، ޤައުމިއްޔަތޭ” ކިޔައި ގޮވަމުންދާ ސިޔާސީ ވެރިންހެއްޔެވެ؟ ނޫނީ މި ދިވެހި ޤައުމުގައި ދަރިން ތަރުބިއްޔަތުކުރުމަށް އެންމެ އިސްކަމެއް ދީގެން އިލްމު ފަތުރާ ޢިލްމުވެރިންނާއި، މަދަރުސާތަކާއި ޤުރުއާން ކުލާސްތަކާއި އެހެނިހެންވެސް ތަޢުލީމުދޭ ދަރުސްގާސްތަކުގައި އުންގަންނައިދޭ މުދައްރިސުންނާއި މުދައްރިބުންތޯއެވެ؟
ތެދެކެވެ. ތަޢުލީމީ ދާއިރާއާއި ސިޔާސީ ދާއިރާ ނޫނަސް ދިވެހި ޤައުމަށް ޚިދުމަތް ކުރެވޭނެ ކިތަންމެ ދާއިރާއެއް އެބަހުއްޓެވެ. ސިއްޙީ ދާއިރާއެވެ. ޤައުމުގެ ސަލާމަތީ ބާރުތަކެވެ. އާންމު ޚިދުމަތްތެރިންނެވެ. އަދި މި ނޫނަސް އެތަކެއް ދާއިރާތަކުން ޤައުމަށް ޚިދުމަތްކުރެވިދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑު މި ލިޔުމުގައި ޚާއްސަކޮށް ތަޢުލީމީ ދާއިރާއާއި ސިޔާސީ ދާއިރާ އަޅާކިޔައި، މި ދެދާއިރާއަށް ޚާއްސަކޮށްލަން މަޖުބޫރުވީ ސަބަބެއް ނެތިއެއް ނޫނެވެ.
މިދިޔަ ހަފްތާ އާދަކާދާއިގެ މަތިން ސޯޝަލް މީޑިޔާގެ މަންސަޚަތައް ބަލަމުން ދަނިކޮށް ޝެއިޚް މުޙައްމަދު އިބްރާހިމް (ނައިފަރީ) ވަޒީފާއިން ވަކި ކުރުމުގެ އެންމެ ފަހުގެ މަރުހަލާ ކުރިއަށްދާ ވާހަކަ ފެނުނީ ޝެއިޚާއި އެކު މަސައްކަތްކުރައްވާ މުދައްރިސެއްގެ ފޭސްބުކް ޕޯސްޓަކުންނެވެ. އާއެކެވެ. ޝެއިޚުގެ ލޮލުގެ ފެނުން ގެއްލިގެން ދިޔުމުގެ ސަބަބުންނެވެ. ޝެއިޚަކީ ތަޢުލީމީ ދާއިރާގައި، 15 އަހަރު ދުވަސްވީ މުދައްރިސެކެވެ. އިސްލާމްދީނަށް ދިވެހިން ހޭލުންތެރިކުރުމަށް އެތައް ފޮތެއް ލިޔުއްވި މުސައްނިފެކެވެ. އަދި މިހާރުވެސް ދީނީ ގޮތުން އެކި އެކި މަޢުޟޫތަކަށް ދަރުސްދެމުން ގެންދަވާ ޢިލްމުވެރިއެކެވެ. ކުރުކޮށް ދަންނަވަނި ނަމަ މިހާތަނަށްވެސް ދިވެހި ޤައުމަށް އަގު ނުކުރެވޭނެ ވަރުގެ ޚިދުމަތްތަކެއް ކޮށްދީފައިވާ އަދި ކޮށްދެމުންގެންދަވާ ފަރާތެކެވެ. ބުނެދޭން މި އުޅެނީ ދިވެހި ޤައުމަށްޓަކައި ގައިން ހަންދާވަރަށް ޚިދުމަތް ކޮށްދީފައި އަދި ކޮށްދެމުންގެންދާ މި ފަދަ ކިތައް މުދައްރިސުންނާއި މުދައްރިބުން، ދިރިއުޅުމުގެ އެންމެ ދަތި ހާލަތުގައި މި ޤައުމުން ބިކަކޮށްލިހެއްޔެވެ؟ އެހެން ނަމަވެސް ސިޔާސީ މަޤާމަކަށް އިއްޔެ މެންދުރު އައިސް، ގޮސްވެލާ ބޭފުޅުންނަށް އުމުރު ދުވަހުގެ އިނާޔަތްތައް އެބަ ލިބިދެއެވެ. ރައްޔިތުންގެ މަޖިލީހުގައި ދުވަހަކު އަނގައިން ބުނެނުލައި، ރައްޔިތުންގެ އަޑު ދުވަހަކު ނާހާ މެމްބަރަކަސްހެވެއެވެ. ޤައުމަށް ކޮންމެފަދަ ގެއްލުމެއް ދީފައިހުރި ވެރިޔަކަސް ވަރިހަމައެވެ. ސިޔާސީ ގޮތުން ކުއްވެރިޔަކަށް ވިޔަސް އެތައް ޚިދުމަތެއް އެބަ ފޯރުކޮށްދެއެވެ.
ކަން މިބުނި މަގުން ހިނގަމުން ދާކަމަށްވާނަމަ، ޤައުމަށް ހަޤީޤީ ޚިދުމަތް ކުރާ ޚިދުމަތްތެރިން ބިކަކުރަނީ ޤައުމިއްޔަތޭ ބުނެވިދާނެހެއްޔެވެ؟ ނޫން ނަމަ މި ބަވަނަވެތި ދިވެހި ރާއްޖެ މިދެކޭ “ޤައުމިއްޔަތޭ” ބުނުމުން އެ ޖުމްލަ މާ ފުރިހަމަވާނެ ދެއްތޯއެވެ؟
ފޮޓޯ : ދާރިސް ޓީވީ