ދިވެހިރާއްޖޭގެ ރަށްތަކުގައި ވާހަކަ ދައްކާ އުޅޭ ބަހުރުވަ އަށް ވިސްނާލާ އިރު ކޮންމެ ރަށްކީވެސް އެބައިމީހުންގެ އަމިއްލަ ވަންތަ ރާގެއް އޮންނަ ރަށެކެވެ. ބައެއް ރަށްރަށުގައި ފިލިތަކަށް ދެމުމެއް ގެންގުޅޭ އިރު އަނެއްބައި ރަށްތަކުގައި ދެމުމެއް ނުހުރެއެވެ. އަދި ހަމަ އެހެންމެ ތަކެއްޗަށާއި ތަންތަނަށް ކިޔާ ނަންތައް ވެސް ތަފާތެވެ. އެއް އަތޮޅެއްގެ ތެރޭގައި ހިމެނޭ ރަށް ތަކުގައިވެސް ތަފާތު ތައް ހުރެއެވެ. މިއީ ހައްތާވެސް އަހަރެމެން ދިވެހީންގެ ބަހުރުވައިގެ މުއްސަދި ކަމެވެ. ރަށުގައި ގެންގުޅޭ ރާގުގެ އެންމެ މުހިންމު ކަމަކީ ވާހަކަ ދައްކާ އަޑު އިވުމުން އެއީ ކޮން ރަށަކަށް ނިސްބަތްވާ މީހެއްކަން ފަހުމުވާން ފަސޭހަވުމެވެ. ބައެއް ބަސްތަކާއި ވާހަކަ ދައްކާއިރު އަޅުވާލާ ނަލަ ރާގުން އަޑުއަހަން ހުންނަ މީހާ އަށް އެމީހާގެ ރަށުގެ ތަސައްވުރެއް ކުރެހިގެން ދެއެވެ.
ކޮންމެ ރަށެއްގައި ރާގެއް ގެންގުޅުނުނަމަވެސް އެއްބަޔަކު އަނެއްބައެއްގެ ރާގުގައި ހުންނަ ސިފަ މަޖާވެ ނުވަތަ އައިބު ވެގެން ހީސަމާސާ ކުރެއެވެ. ގިނަ ކުދިންނަކީ އަމިއްލަ ރަށްނޫން އެހެން ރަށްތަކުގައި ކިޔަވަން ވަގުތު ހޭދަކުރި ކުދިންނެވެ. އެހެން ކަމުން ބައެއް ފަހަރު މިކަމަކީ އަމިއްލަ ރަށުގެ ރާގު ބަދަލު ކުރަން މަޖުބޫރު ކުރުވި ކަމެކެވެ. ރައްޓެހިންނާއި އަދި އެކުގައި އުޅޭ އެހެން މީހުންނަށް ފާހަގަ ނުވާނޭހެން މަޑުމަޑުން އަކުރު ތަކާއި ފިލިތަކުގެ އަޑުތައް ބަދަލު ކޮށް މަލާމާތާއި ފުރައްސާރައިން ސަލާމަތްވާން މަސައްކަތް ކުރުވި ކަމެކެވެ. އެހެން ނަމަވެސް އަދި އަމިއްލަ ރަށުގައި ވާހަކަ ދައްކާ ރާގަކީ އިހްސާސް ތައް ބަންޑުން ކޮށްލަން ފަސޭހަ އަދިހަމަ އެހާމެ ހިތްހަމަ ޖެހޭކަމެކެވެ. ފޯރި އާއެކު އަމުނާލާ ބަސްތަކުން އަޑުއަހަން ހުންނަ މީހާ އަށް އެކަށީގެންވާ ޖަވާބެއް ރަށްދު ކޮށްލަދެވޭނީ އަމިއްލަ ރަށުގެ ރަހަ ދައްކާ ވާހަކައިގާ ވެސް ލައްވާ ލެއްވުމުންނެވެ. ކުރުދޮށިން މަސްބާނާ ހެން މީހަކާ ދިމާ އަށް ޝަކުވާ އެއް ކުރުމަށް މަޖްބޫރު ކުރުވައިފި ނަމަ ރަށުގެ ރަހަލާ ހެން ބަސްފީނި އަމުނާ ލުމަކީ އަނެކާގެ ކޮޅު ދެރަ ކޮށްލުމަށް ލިބޭ ބާރެއްހެން ހީވެއެވެ.
މަދުބަޔަކު އަމިއްލަ ރަށުގެ ރާގަށް ހިތް ނުރުހުނަސް މިކަމަކީ ދުވަހަކުވެސް ގައިން ފިލައިގެން ދާނޭ ކަމެއް ނޫނެވެ. ސަބަބަކީ ރަށުގެ ރާގަކީ ތިމާ އުފަންވީ ކޮން ރަށަކަށް އަންގައިދޭ ނިޝާނެކެވެ. އަމިއްލަ ރަށުން ތިބާ އަށް ވާރުތަވި ހަދިޔާއެކެވެ. އެހެން ކަމުން ރަށުގެ ރާގާއި އުޅުން ހުންނަ ގޮތާއި މެދު ހިތްނުރުހި އެވާހަކަ ދެއްކިޔަސް ދެންނެވޭނީ ރަށުގެ ރާގަކީ ހަމަ ވަރަށް ހިތް އުފާވާ އަދި ގަޔާވާ ރާގެއް ކަމެވެ. ރަށުގެ އާބާދީ އަށް އެކިއެކި ރަށް ރަށުން މީހުން އައިސް ގުޅި އެމީހުންގެ އާދަކާދަޔާއި ވާހަކަ ދައްކާ ބަހުރުވަ ތައް އެކުވެ މިހާދުވަސް ފާއިތުވެ ދިޔަ އިރުވެސް އަމިއްލަ ރަށުގެ ގޮތަށް މާ ބޮޑު ބަދަލެއް އައިސްފައި ނުވުމަކީ ރަށު ރާގުގައި ތަފާތު ޖަޒްބާތެއް އެކުލެވިގެން ވާ ކަމެކެވެ.
އެހެން ކަމުން ރަށުގެ ރާގަށް ނުރުހި އެކަމާ ވާހަކަ ދައްކާ ނަމަ އެއީ އަމިއްލަ ރަށަށް ކުރެވޭ ކުޑައިމީސް ކަމަކަށް ވެދާނެއެވެ. ތިމާ ގެ އެންމެ ފުރަތަމަ ބަސް ކިޔަން ލިބުނު ރާގަކީ މިހާރު ތިޔަ ތަރަށްގީ ކޮށް ފޭރާން ބަދަލު ކޮށްގެން ވާހަކަ ދައްކާ ރާގުގެ އެންމެ ފުރަތަމަ ބިންގަލެވެ. އެންމެ ފުރަތަމަ ކުރެވޭ ހުރިހާ ކަމަކީ ވެސް ވަރަށް ހާއްސަ ކަންކަމަށް ގިނަ މީހުންނަށް ހީވާއިރު ރަށުގެ ނަލަ ރާގަކީވެސް ތިބާގެ ބަސްކޮށާރުގެ އެންމެ ފުރަތަމަ ދަސްކުރި އަޑެވެ. ވީމާ މިކަމަކީ ހަނދާނުން ފޮހެލާފައިވާ ކަމަކަށް ހަދައިފި ނަމަ އެދޫކޮށްލެވެނީ ތިބާގެ ތަރިކައެކެވެ.އަމިއްލަ ވަންތަ ކަމެވެ. ރަށުގެ ރާގަކީ ތިބާ އެރަށަކަށް ނިސްބަތްވާ ކަމުގެ ފާހަގައެވެ. އެހެން ކަމުން ރަށުގައި ވާހަކަ ދައްކާ ރާގަށް ލޯބި ކުރުމަކީ ރަށާއި މެދު އޮންނަ ގާތްކަން އާލާވާ ކަމެކެވެ.