ފޮޓޯ: ދުވާފަރު ސްޕޯޓް ފޭސްބުކް ޕޭޖް
ރ.އަތޮޅު ކައުންސިލުން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ އަރުތަ ވޮލީ ބޯޅަ މުބާރާތް 2025 ގައި ދުވާފަރު ޓީމަށް ކުޅެމުން އައި ހުނަރުވެރި ކުޅުންތެރިޔާ އަޙްމަދު އިސްމާޢީލް (ކޯލް)، ކޯޓަކުން ނުފެނުނެވެ. ވީ ކީއްތޯ ހޯދާލަން މީސްމީޑިއާ ހާވާލުމުން ފެނުނީ، ކޯލް އަށް އަވަސް ޝީފާއެއް ލިބުމަށްއެދި ކޮށްފައިވާ ޕޯސްޓްތަކާއި ލިޔެފައިވާ ސްޓޭޓަސްތަކެވެ. މިވަރުން ކޯލްއަށް އަނިޔާއަކާއި ކުރިމަތިވިކަން އޮޅުން ފިލައިފިއެވެ. އެހެންނަމަވެސް، އަނިޔާ ލިބުނުގޮތާއި އަނިޔާ ލިބުނު މިންވަރާއި އަދި ފަރުވާގެ މަސައްކަތް އޮތްގޮތާއި، ފަރުވާ ލިބޭނެކަމަށް އަންދާޒާކުރާ މުއްދަތެއް އޮޅުމެއް ނުފިލިއެވެ.
އަސްލުވީ ކިހިނެއް؟
އަސްލުވީ ގޮތަކީ، ފުންމާފައި ތިރިއަށް ފޭބިވަގުތު ކަނާތުފައިގެ ބޫޓުން ޖެހި ވާތުފައިގެ ކުޑަކަޅުވައިން ތިރި ފުއްކިބައާއި ދިމާލުން މަސްގަނޑު އިރައިގެން ދިޔައީއެވެ. އޭގެ ސަބަބުން ހިނގަން އުނދަގޫވެ އަވަސް ފަރުވާއަށް ދާން ޖެހުނީއެވެ.
މިހާރު ކޮބާ؟
ކޯލް މިވަގުތު އޮތީ އޭޑީކޭ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައެވެ. ފަރުވާ ދިނުމަށްޓަކައި މިއަދުގެ ވަގުތެއްގައި ސަރޖަރީ ހަދާނެކަމަށް މައުލޫމާތު ލިބެއެވެ. އަދި ސަރޖަރީއަށް ފަހު ރިކަވަރީއަށް ގާތްގަނޑަކަށް 3 މަސްދުވާހައި 6 މަސްދުވަހުގެ މުއްދަތެއް ހޭދަވާނެކަމަށް ބެލެވެއެވެ.
ދެންވާންޖެހޭ ގޮތަކީ؟
ކޯލްގެ އަނިޔާއަކީ ދުވާފަރު ތަމްސީލުކުރުމަށް އަތޮޅު ފެންވަރުގައި ހަރަކާތްތެރިވަނިކޮށް ލިބިފައިވާ އަނިޔާއެކެވެ. އަދި މި މުބާރާތުގައި ހުރިހާ ކުޅުންތެރިންވެސް ރަށުޓީމަށް ކުޅެނީ އެއްވެސް އުޖޫރައަކަށް ނޫނެވެ. މިސަބަބަށްޓަކައި، ކޯލްއަށް ނުވަތަ އެހެން ކުޅުންތެރިއަކަށްވެސް މުބާރާތުގެ ތެރޭގައި ދިމާވާ ޚާއްސަކޮށް ކުޅުމުގެ ތެރޭގައި ލިބޭ އަނިޔާ އާއި އަނިޔާއިން ރިކަވަރ ވުމަށް ހޭދަވާ މުއްދަތުގައި ދުވާފަރު ކައުންސިލްގެ ފަރާތުން އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދޭންޖެހެއެވެ. އަދި މިކަމަށް އެކަށީގެންވާ ހަރުދަނާ އުސޫލެއް އެކުލަވާލައި، އުޖޫރައަކާއި ނުލައި ރަށް ތަމްސީލުކުރާ ކުޅުންތެރިންނާއި، ދަރިވަރުންގެ އިތުރުން އެހެނިހެން ފަރާތްތައްވެސް ރަށް ތަމްސީލުކުރުމުގެ މުބާރާތެއް ނުވަތަ ހަރަކާތެއްގެ ތެރޭގައި ދިމާވާ ޖިސްމާނީ އަދި އެނޫންވެސް ގެއްލުންތަކުގައި އެހީތެރިކަން ފޯރުކޮށްދޭންވާނެއެވެ.