ދުވާފަރު ފުޓްސަލް ޓީމަކީ އެޓީމުގެ ކަމިޔާބީގެ ސަބަބުން މުޅި ދުވާފަރުގެ ނަން ރަންއަކުރުން ފަވާލަދޭ ދުވާފަރުގެ ފަޚުރެވެ. ދުވާފަރު ރައްޔިތުންގެ ހިތްތަކުގެ ފިނިކަމެވެ. ދުވާފަރުގެ ހުރިހާ ރައްޔިތުން އެއްތަން ކުރެވޭ ހަމައެކަނި ސަބަބެވެ.
ފާއިތުވެގެން ދިޔަ ހުރިހާ މުބާރާތެއްގައިވެސް ދުވާފަރުގެ ނަން ވިދުވާލުމަށް ދުވަފަރު ފުޓްސަލް ޓީމުން ކޮށްފައިވާ ހިތްވަރަކީ އަގު ނުކުރެވޭނެ ބުރަމަސައްކަތެކެވެ. އަތޮޅު ފެންވަރުގައާއި، ޤައުމީ ފެންވަރުގައި ކުޅެވޭ ފުޓަސަލް މުބަރާތްތަކުގައި، ދުވާފަރުގެ ނަން މިހާރު ލިޔެވިގެން ދާނީ އެންމެ މޮޅު އަދި ވަރުގަދަ ޓީމުތަކައި އެކުގައިކަން ގައިމެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކުޅުންތެރިންގެ ގަދަ ހިތްވަރާއި ޖޯށެވެ. ރަށުވަންތަ ލޯތްބެވެ. ކުޅިވަރަށް ހުރި ފޯރިއެވެ.
މިއަހަރުގެ ގޯލްޑަން ފުޓްސަލް މުބަރާތުގައި، އަތޮޅު އަދި ޒޯން 2 ގެ ޗެމްޕިއަންކަން ދުވާފަރުން ހޯދައި ކުއާޓަރ ފައިނަލްގައި ވާދަކޮށް ދެއްކި މޮޅު ކުޅުމަށް މުޅި ރ. އަތޮޅު ފަޚުރުވެރިވާނެކަން ކަށަވަރެވެ. ކޮންމެ މުބާރާތަކަށް ހުރިހާ ކުޅުންތެރިން އެކުވެ، ދެމެހެއްޓެނިވި ގޮތެއްގައި ފަރިތަ ކުރެވިގެން ކުޅެވޭ ޓީމަކަށް ދުވާފަރުގެ ފުޓަސަލްޓީމު ވެއްޖެނަމަ، މިހާރު ޓީމުގެ ފަރާތުން ފެންނަ ކުޅުމަށްވުރެން ރަނގަޅު އަދި މޮޅު ކުޅުމެއް ފެނިގެންދާނެކަން ޔަޤީނެވެ.
މި އަހަރުގެ ގޯލްޑަން ކަޕާއި އަލްވަދާޢު ކިޔައި ހޯދުނު ކާމިޔަބިއާއި އެކު މިއަދުގެ 16:30 އަށް ދުވާފަރު ފުޓްސަލް ޓީމް، ދުވާފަރަށް އައުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ދުވާފަރުގެ ރައްޔިތުން ނުކުމެ ޓީމަށް މަރުޚަބާ ކިޔަންވި ވަގުތެވެ. ޓީމުގެ އެންމެހައި މެންބަރުން ކުރި ގަދަ ހިތްވަރާއި މަސައްކަތަށް އައްސަރިބާހާއި ސާބަސް ދެންނެވުމަށް ދުވާފަރުގެ ހުރިހާ ރައްޔިތުން ބަނދަރު ސަރަޙަދަށް ނުކުތުމަށް ދުވާފަރު ކައުންސިލުން ވަނީ އިލްތިމާސްކުރައްވަފައެވެ.