އެމް.ޑަބްލިއު.އެސް.ސީ އިން ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފެންވަރު ރަނގަޅުކޮށް، އަދާ ހަމަ ކުރުމަށް އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންދިޔުމަށް އެ ކުންފުނީގެ މޯބައިލް އެޕް މިއަދު އަޕްޑޭޓުކޮށްފިއެވެ.
މި އެޕް އަޕްޑޭޓްކޮށް އާންމުކުރުމަށް ބޭއްވުނު ހަފްލާގައި، އެ ކުންފުނީގެ ޗެއާރޕާރސަން އަލްފާޟިލާ ޝަމްހޫޒާ އަހުމަދު ވިދާޅުވީ މިއެޕްގެ ޒަރިއްޔާއިން، ކަސްޓަމަރުން ކައުންޓަރަށް ޚިދުމަތް ހޯދަން އަންނަން ނުޖެހި ކޮންމެ ވަގުތެއްގައިވެސް، ފަސޭހަކަމާއި އަވަސްކަމާއި އެކު ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް ހުށައެޅުމާއި، ބިލްތަކަށް ފައިސާ ދެއްކުމުގެ އިތުރުން އެހެނިހެން ޚިދުމަތްތައްވެސް ޒަމާނާއި އެއްގޮތަށް ލިބިގެންދާނެކަމަށެވެ.
އަދި އަލަށް މި އައި އަޕްޑޭޓުގައި އީ-ފާސް މެދުވެރިކޮށް ލިބެން ހުރި ހުރިހާ ޚިދުމަތެއް ލިބޭނެކަމަށްވެސް އެމް.ޑަބްލިއު.އެސް.ސީ އިން ފާހަގަކުރެއްވިއެވެ. އެގޮތުން ފަސޭހަކަމާއި އެކު މޯބައިލް އެޕްލިކޭޝަނަށް ލޮގިން ވެވުމާއި، އީ-ފާސް އިން އެފަރާތެއްގެ ނަމުގައިވާ ހުރިހާ މީޓަރެއް ފެނުމާއި، ކަސްތަމަރުން އެދިފައިވާ ޚިދުމަތްތަކުގެ ތަފްސީލުގެ އިތުރުން އެ ޚިދުމަތުގެ މަސައްކަތް ކުރިއަށްގޮސްފައިވާ ހިސާބުވެސް ފަސޭހަ ކަމާއިއެކު ބަލާލެވޭނެއެވެ. އަދި ހަމަ މިއާއި އެކު، މީޓަރގެ ރީޑިންގް އާއި ފޮޓޯ އަޕްލޯޑްކޮށްގެން މަހުގެ ކޮންމެ ހިސާބެއްގައިވެސް ބިލް ހެދުމަށް ރިކުއެސްޓް ކުރެވުމާއި މަލްޓި ޕޭ ބޭނުންކޮށްގެން ފަސޭހަ ކަމާއިއެކު ބިލް ދައްކާލުން ހިމެނެއެވެ. އަދި މީގެ އިތުރުން ވެސް ތަފަތު އެކި ޚިދުމަތްތައް ފަސޭހަކަމާއި އެކު ލިބިގެން ދާނެއެވެ.
އަލަށް ތަޢާރަފްކުރި މި އެޕް، އެޕަލް ސްޓޯރ އަދި ގޫގުލް ޕެލޭ ސްޓޯރ ބޭނުންކޮށްގެން ޑައުންލޯޑް ކުރެވޭނެއެވެ. އަދި ކަސްޓަމަރުން މި އެޕްގެ ޚިދުމަތް ހޯދުމަށް އިތުރު އެހީތެރިކަމެއް ބޭނުންވާ ހާލަތްތަކުގައި އެމް.ޑަބްލިއު.އެސް.ސީ ގެ ހޮޓްލައިން ނަންބަރު 105 އަށް ގުޅުއްވުމަށް އެ ކުންފުނިން އިލްތިމާސްކުރެއްވިއެވެ.