ފާއިތުވި 3 އަހަރެކޭ އެއްފަދައިން މިއަހަރުވެސް ދުވާފަރުގައި މިނިވަން ދުވަހާއި ގުޅުވައިގެން ކަނބަލުންގެ މެދުގައި ބަށި މުބާރާތެއް ކުރިއަށް ގެންދަނީއެވެ. ޖުލައި 26 ގައި ފެށިގެން ކުރިއަށްދާ މި ބަށި މުބާރާތަކީ ދުވާފަރުގެ ޑަބްލިއު.ޑީ.ސީ އާއި ދުވާފަރު ކައުންސިލް ގުޅިގެން ކުރިއަށްދާ މުބާާރާތެކެވެ.

ޑަބްލިއު.ޑީ.ސީ ގެ ރައީސާ އައިމިނަތު އަހުމަދު ވިދާޅުވީ މި މުބާރާތުގެ މަޤްޞަދަކީ ކަނބަލުންގެ މެދުގައި އެކުވެރިކުރުވުމާއި ކެރުންތެރިކުރުވުމުގެ އިތުރުން އެއް ރޫޙެއްގައި ހެލިފެލިވެ ދުޅަހެޔޮކޮށް ތިބުމަށް ހިތްވަރު ދިނުމެވެ.
މިއީ 16 އަހަރުން މަތީގެ ކޮންމެ ކަނބަލަކަށްވެސް ބައިވެރިވުމުގެ ފުރުޞަތު އޮތް މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 4 ޓީމު ބައިވެރިވެފައިވެއެވެ
.

މި މުބާރާތުގެ އެއްވަނަ އަށް ދާ ޓީމަކަށް 8000 ރުފިޔާ އަދި ދެވަނަ އިނާމަކަށް 4000 ރުފިޔާ އަދި ފެއާރ ޕްލޭ ޓީމަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާއިރު، ބަށި ރާނީ އަށް 500 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައެޅިފައެވެ.

ޖުލައި 26 ވަނަ ދުވަހުގައި ކުޅެވުނު މި މުބާރާތުގެ ފުރަތަމަ މެޗުގައި ޓީމް ނަޔާ ފަތްމިނި އަދި ޓީމް ގްރޭ ޕަރީ ބައްދަލު ކުރި މެޗުން ކުރިހޯދާފައިވަނީ ޓީމް ނަޔާ ފަތްމިންޏެވެ. އަދި މިއަދު ކުޅެވުނު މި މުބާރާތުގެ ދެވަނަ މެޗުގައި ޓީމް ޖުލައި 26 އަދި ޓީމު ރަތް ލިލީ ބައްދަލުކޮށް ކުރި ހޯދާފައިވަނީ ޓީމް ޖުލައި 26 އެވެ.
މި މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަ ޖެހިފައިވަނީ ޖުލައި 31 ވަނަ ދުވަހުއެވެ.