އިންސާނީ އެހީއާއި އެކު ޣައްޒާގެ ބަނދަރަށް ދަތުރުކުރަމުންދާ ފްލޮޓިލާ، މަންޒިލާއި ކައިރިވެފައިވަނިކޮށް، ފްލޮޓިލާ ހުއްޓުވުމަށް ނިރުބަވެރި އިސްރާއީލުން މަސައްކަތްކުރާކަމަށް މައުލޫމާތުލިބެއެވެ.
ފްލޮޓިލާގެ މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުގެ މަނަވަރުތަކުން ވަނީ ފްލޮޓިލާގެ ލީޑް ބޯޓު، އަލްމާ އާއި ސިރިއަސް ވަށާލައި، އެ ބޯޓުތަކުގެ މުވާސަލާތީ ޚިދުމަތްތައް ކަނޑާލާފައެވެ. އަދި އިސްރާއީލުގެ މަނަވަރުތަކުން ފްލޮޓިލާއަށް ހަމަލާދީފާނެކަމުގެ ބިރު އުފެދިފައިވާކަމަށްވެސް މި މަސްދަރުތަކުން ރިޕޯޓްކުރެއެވެ. ނަމަވެސް އިންތިޒާމް ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފްލޮޓިލާއިން އަޒުމް ކަނޑައަޅާފައި ވަނީ ސުލްހަވެރިކަމާއެކު ޣައްޒާއަށް އެހީ ފޯރުކޮށްދިނުމަށެވެ.
ފްލޮޓިލާގެ ބައިވެރިން ހާމަކުރާ ހޮތުގައި އެމީހުންގެ މިޝަންއަކީ އިސްރާއީލުން ގަވާއިދާ ހިލާފަށް ޢައްޒާ ފުރަބަންދުކޮށްފައި އޮތް އޮތުމަށް ގޮންޖަހައި، ފަލަސްތީނުގެ ރައްޔިތުންނާ އެކު ދުނިޔެ އޮތްކަން ހާމަކުރުމެވެ. އަދި ބަނޑުހައިހޫނުކަމާއި ނަސްލު ނައްތާލުމުގެ ހަމަލާތަކުގެ ޝިކާރައަށް ވެފައިވާ އާބާދީއަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ފްލޮޓިލާގެ މި ހަރަކާތަކީ، ފަލަސްތީނުގެ މައްސަލައަށް ދުނިޔޭގެ ގައުމުތަކުގެ ލީޑަރުންނާއި ބޮޑެތި ޖަމާއަތްތަކުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާތީ، އެކަމަށް އާންމުން ނުރުހޭކަން ހާމަކުރުމަށާއި، ލާއިންސާނީ އަނިޔާތަކަށް ދުނިޔޭގެ ގައުމުތަކުގެ އާންމުން ދެކޮޅުކަން ހާމަކުރުމަށް، 40ށް ވުރެ ގިނަ ގައުމުގެ އެކްޓިވިސްޓުން އިސްނަގައިގެން ކުރިއަށް ގެންދާ ސުލްހަވެރި އިންސާނީ އެހީގެ ހަރަކާތެކެވެ.