2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހުން ފެށިގެން ދާދި މިދާކަށް ދުވަހާއި ޖެހެންދެން މީސްމީޑިޔާތަކުގައި ދައުރުވަމުން ދިޔައީ މުޅިންވެސް ފަލަސްތީނުގެ ވާހަކަތަކެވެ. އެތަނުގައި މުސްލިމު ނަސްލެއް ނައްތާލުމަށް ޔަހޫދީ އިސްރާއީލުން ދެމުން ގެންދިޔަ ލާއިންސާނީ އަނިޔާގެ ވާހަކަތަކެވެ. އެމެރިކާ އާއި އ.ދ ން ޖަރީކުރި އެމީހުންގެ ފޭރާން ނިއުޅި، މުޅި ދުނިޔެއަށް އެމީހުންގެ ހަގީގީ ކުލަވަރު ފައުޅުވެގެން ދިޔަ ވާހަކަތަކެވެ. އަދި ބިތުފަންގީގައި ފިލާތިބެ ކެޔޮކަމުން ގެންދިޔަ މުސްލިމް ނަން އަޅައިގެން ތިބި ވެރިންގެ ނުބައިކަމަށް ކޮށްފައިވާ ބަދު ދުޢާތަކެވެ.
ފަލަސްތީނު ރައްޔިތުންގެ ހާލަތުގެ ވާހަކަ ދުނިޔޭގެ ހުރިހައި ހިސާބެއްގައި ދައްކަމުން ދިޔައީ ކަންބޮޑުވާހާލުގައެވެ. އެ އަޑު ކަނޑުވާލުމަށް ޔަހޫދީ އިސްރާއީލުން ދިޔައީ އެތަށް މަސައްކަތެއް ކުރަމުންނެވެ. އެހެން ނަމަވެސް ގާތްގަނޑަކަށް އެއަޑުތަކާއި އެ އަސަރު މީސްތަކުންގެ ހިތުން ފިލުވައި ނުލެވި 2 އަހަރާއި ގާތްވެފައިވަނިކޮށް އީރާނާއި އިސްރާއީލުން މިވަނީ ހަމަލާތަކެއް ބަދަލު ކުރެވެން ފަށާފައެވެ. އަދި ދުނިޔޭގެ ބޮޑެތި ބާރުތަކުން މި ހަނގުރާމައާއި ގުޅި ދުނިޔޭގައި 3 ވަނަ ބޮޑު ހަނގުރާމައެއް ފެށިދާނެކަމުގެ ބިރުވެރި ޚަބަރުތަކުން، ފަލަސްތީނުގެ ރައްޔިތުންގެ އަޑު މިއަދު މިވަނީ މަޑުކޮށްލާފައެވެ. ފަތު އަޑުކިޔާފައި މިއަދު މީސްމީޑިޔާގައި އެންމެ ހިނގަމުން މިދަނީ އީރާނުގެ ވާހަކަތަކެވެ.
އާއެކެވެ. އީރާނާއި އިސްރާއީލުގެ ހަނގުރާމައިގެ ވާހަކަތަކުގެ އޮއިވަރުގައި ނުޖެހޭވަރެއް ނޫނެވެ. ނަމަވެސް މި ކަމުގެ އޮއިވަރުގައި ޖެހި ބަނޑަށް މަރުވަމުންދާ އަހަރެމެންގެ އުންމަތުގެ އެއްބައި ކަމުގައިވާ ފަލަސްތީނުގެ އަޚުންނާއި އުޚުތުންގެ މަތިން ހަނދާން ނައްތާލުނަމާހެއްޔެވެ. ދުނިޔޭގެ ޚަބަރު ތަކުގެ ފަލަ ސުރުޚީތައް ބަދަލުވިޔަސް ފަލަސްތީނުގެ ހާލަތު މިއަދުވެސް ބަދަލެއް ނުވެއެވެ. އެތަނުގައި ބޯނެ ސާފު ފެންފޮދެއް ނެތެވެ. ކާނެ އެއްޗެއް ނެތެވެ. އެންމެ ކުޑަމިނުން ފުށް ލާއްސެއްގެ ވަރުވެސް އެތަނުގެ ގިނަ މީހުންގެ އަތުގައި ނެތެވެ. ކަރަންޓެއް ނެތެވެ. ބޯހިޔާވަހިކަމެއްވެސް ނެތެވެ. ބޭހެއް ނެތެވެ. މިހެންގޮސް ލިޔަން ފަށައިފިއްޔާ ލިބޭ އެކައްޗެއްވެސް ނެތޭ ބުނެވިދާނެއެވެ. އެތަނުގެ ހާލަތު އެހާވެސް ދަށެވެ.
ފަލަސްތީނުގެ ރައްޔިތުންނަށް އަހަރެމެން އެންމެންގެ ބޭނުން ޖެހިފައި މިވާ ދަނޑިވަޅުގައި އަހަރެމެންގެ ކޮންމެ ދުއާއެއްގައި އަދިވެސް އެމީހުން ހަނދާން ނައްތާނުލަމާހެއްޔެވެ. ހަދިޔާ ނުވަތަ ޑޮނޭޓްކުރުމުގައި އެ ރައްޔިތުން މަތިން ހަނދާންކުރަމާހެއްޔެވެ. މީސް މީޑިޔާގައި އެމީހުންގެ އަޑު މަޑުވިޔަ ނުދެމާހެއްޔެވެ.